ހޮރުމުޒް ކަނޑުއޮޅީގައި އެމެރިކާގެ ބެލުމުގެ ދަށުން ހިންގާ މަގުން މިހާރު ދަތުރުކުރާ ތެލުގެ މިންވަރަކީ ހަނގުރާމައިގެ ކުރިއާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެއް ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނެފިއެވެ.
ޓީވީ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އައި.އާރް.ޖީ.ސީގެ ކޮމާންޑަރު އަލީ ފަދަވީ ވިދާޅުވީ، ހޮރުމުޒް ކަނޑުއޮޅި އަދިވެސް އޮތީ އީރާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. އަދި އެ ސަރަޙައްދުގައި އެމެރިކާގެ ބެލުމުގެ ދަށުން ހިންގާ ދެކުނު މަގު ބޭނުންކުރާ އުޅަނދުފަހަރަށް "ކޮންމެ ވަގުތަކުވެސް ހަމަލާ އަމާޒުވެދާނެ" ކަމުގެ އިންޒާރު އައި.އާރް.ޖީ.ސީގެ ކަނޑުގެ ސިފައިން ދީފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އޮމާންގެ އައްސޭރިފަށާ ކައިރިން މިހާރު ދުވާލަކު ދަތުރުކުރަނީ ތިން މިލިއަނާއި ހަތަރު މިލިއަނާ ދެމެދުގެ އަދަދަކަށް ތެޔޮ ފީފާ ކަމަށާއި އެއީ މާބޮޑު މިންވަރެއް ނޫން ކަމަށް ފަދަވީ ވިދާޅުވިއެވެ. އަދި އަސްކަރީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާއިން ދޭ އިންޒާރުތައް ދޮގުކުރައްވަމުން، އަފްޣާނިސްތާނާއި ޢިރާޤުގައި ފަދައިން މިފަހަރުވެސް އެމެރިކާ ވާނީ ފެއިލް ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.
އީރާނުން މިހެން ބުނި ނަމަވެސް، މެދުއިރުމަތިން ސާފުނުކުރާ ތެޔޮ ބޭރުކުރާ މިންވަރު ވަނީ ހަނގުރާމައިގެ ކުރީގެ މިންވަރަށް މައްޗަށް ގޮސްފައެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ފަހު ހަފްތާގައި އެ ސަރަޙައްދުގެ އެކި މަގުތަކާއި ޓާމިނަލްތައް މެދުވެރިކޮށް ދުވާލަކު އެވްރެޖްކޮށް 18.5 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން



