މެލޭޝިއާގައި ހުންނަ ޓެއިލާސް ޔުނިވަސިޓީގައި މަތީ ތައުލީމު ހާސިލުކުރަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރެއް ކަމަށްވާ، އައްޑޫ ސިޓީ ހިތަދޫ، އާމިނާ އިމީލީ ނާޒިމް ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވެއްޖެއެވެ.
ކުއަލަލަމްޕޫރުން ވިޔަފާރިކުރުމަށްފަހު ގްރެބް އެޕް މެދުވެރިކޮށް ހޯދި ކާރެއްގައި އިމީލީއާއި އިތުރު ދިވެހި ދަރިވަރަކު ދަތުރުކުރަނިކޮށް މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މެލޭޝިއާ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް 8:48 އެހާކަންހާއިރު ޕުޗޮންގަށް ދަތުރުކުރަމުން ދަނިކޮށް ޕީޖީއެސް ޓޯލް ޕްލާޒާ ކައިރިންނެވެ.
އެކްސިޑެންޓު ހިނގަން މެދުވެރިވީ ކާރު ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލުން ނެއްޓި، އެހެން ކާރެއްގައި ޖެހި ފުރޮޅާލުމުގެ ސަބަބުންނެވެ. މި ހާދިސާގައި އިމީލީގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން، ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ނިޔާވެފައެވެ. ނަމަވެސް، ކާރުގައި އިން އަނެއް ދިވެހި ދަރިވަރަށް މާ ބޮޑު އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފައެވެ.
ކާރު ދުއްވަން އިން މެލޭޝިއާގެ އުމުރުން 34 އަހަރުގެ ޑްރައިވަރު ޑްރަގްސްއަށް ޓެސްޓުކުރުމުން، މެތަމްފެޓަމިންއަށް ވަނީ ޕޮޒިޓިވްވެފައެވެ. މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރިކޮށް ދުއްވުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، ތަހުގީގަށް ޝާހް އަލަމް މެޖިސްޓްރޭޓް ކޯޓުން ވަނީ ހަތަރު ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިމީލީގެ ހަށިގަނޑު މިވަގުތު ބާއްވާފައި އޮތީ ސާޑަންގް ހޮސްޕިޓަލުގެ މޯޗާރީގައެވެ.
މި ލިޔުން ކިޔާލުމުން



