ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓަރ ކުރަމުންދާ ކަންތައްތަކުގެ ތެރެއިން، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި، މި އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައިވާ ސައްހަ އީމެއިލްތަކެއްގެ ގޮތަށެވެ. އަދި ހަމަލާދޭ ފަރާތްތަކުން މި އީމެއިލްތަކުގައި ހިމަނާފައިވާ ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ފޮނުވާފައި ހުންނަނީ ރަސްމީ އިންވިޓޭޝަނެއް، ލިޔެކިޔުންތަކެއް ނުވަތަ ފައިލް-ޝެއަރިންގ ލިންކުތަކެއްގެ ގޮތަށެވެ. މިފަދަ ލިންކުތަކަށް ވަދެވި ނުވަތަ ފައިލްތައް ހުޅުވިއްޖެނަމަ، ޔޫޒަރނޭމް އަދި ޕާސްވޯޑް ފަދަ މުހިންމު މައުލޫމާތުތައް ހެކަރުންނަށް ލިބި، އިދާރާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި އުކުޅުތަކަށް ބަލާއިރު މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން ރޭވިގެން ކުރިއަށްގެންދާ ކެމްޕެއިނެއްކަމަށް ބެލެވޭތީ، ސީސޮކުން ދަނީ މި ހަރަކާތްތައް ވަރަށް ގާތުން މޮނީޓަރކޮށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިފަދަ ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި، ރައްކާތެރިކަން ޔަގީން ނުކުރެވޭ ލިންކުތަކާއި އެޓޭޗްމަންޓްތައް ނުހުޅުވުމަށާއި، އާދަޔާހިލާފު ކަމަކަށް އެދިފައިވާނަމަ އެހެން ޒަރީއާއަކުން އެކަން ސައްހަތޯ ކަށަވަރުކުރުމަށް ފުލުހުން އެދިފައިވެއެވެ. މިފަދަ ، އީމެއިލްގައިވާ ލިންކުތަކުން ހުޅުވޭ ޕޭޖުތަކުގައި ޔޫޒަރނޭމާއި ޕާސްވޯޑް ނުޖެހުމަށާއި، މަލްޓި-ފެކްޓަރ އޯތެންޓިކޭޝަން ބޭނުންކުރުމަށާއި، ސިސްޓަމްތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުމަށް ފުލުހުން ވަނީ އިރުޝާދުދީފައެވެ. އަދި ޝައްކުކުރެވޭ ފައިލެއް ނުވަތަ ލިންކެއް ހުޅުވިއްޖެނަމަ، އަމިއްލައަށް ހައްލުކުރަން އުޅުމުގެ ބަދަލުގައި ވަގުތުން ކޮމްޕިއުޓަރު ނެޓްވޯކުން ވަކިކޮށް އައި.ޓީ ޓީމުގެ އެހީތެރިކަން ހޯދުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



