ހއ. އުލިގަމުގައި އަޅަމުންދާ އިމިގްރޭޝަން އޮފީހުގެ އާ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން ބުނީ، މި މަޝްރޫޢުގެ ތެރެއިން ފުރަތަމަ ފަންގިފިލާގެ ބީމާއި ސްލެބްގެ މަސައްކަތަށް ފޯމްވޯކް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ކަމަށެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2025 މާރިޗު 27 ގައެވެ. ރަސްމީ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ. އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އަޙްމަދު ފަސީހެވެ.
މިހާރު އުލިގަމުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ދެމުން އަންނަނީ އެމްއެންޑީއެފް އިމާރާތުގެ ކުޑަ ޖާގައެއްގައި، އެންމެ ދެ އޮފިސަރުންނެވެ. އެހެންކަމުން މިވަގުތު ލިބެމުންދަނީ ހަމައެކަނި ސީޕޯޓް ކްލިއަރެންސްގެ އަސާސީ ޚިދުމަތްތައްނެވެ. އަލަށް އިމާރާތްކުރެވޭ އޮފީހާއެކު ޕާސްޕޯޓާއި ވިސާގެ ފުރިހަމަ ޚިދުމަތްތައް ވެސް އެ ރަށުން ފޯރުކޮށްދެވިގެންދާނެއެވެ.
މި އިމާރާތަކީ ހއ. އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތާ ގުޅިގެން، ބޭރު ޤައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމަށްޓަކައި އަޅާ އިމާރާތެކެވެ.
އުލިގަމަކީ ގިނަ ޔޮޓުތައް ބަނދަރުކުރާ ރަށެއްކަމުން، ކަނޑުމަގުން ރާއްޖެއަށް އެތެރެވާ ޔޮޓްފަހަރަށް ކްލިއަރެންސް ދިނުމުގެ މަސައްކަތްވެސް އެރަށުގައި ކުރިއަށްދެއެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، ކޮންމެ އަހަރަކު ސައުތު އީސްޓް އޭޝިއާއިން ޔޫރަޕަށް ދަތުރުކުރާ މަގުމަތީގައި އުލިގަމުގައި ބަނދަރުކުރާ 100 އާއި 150 އާ ދެމެދުގެ ބޭރުގެ ޔޮޓްތަކަށް އަވަސް އަދި ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން، އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތްތަކަށާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތަރައްޤީކުރަން ރާވާފައިވާ ޔޮޓް މެރީނާއަށްވެސް މި އާ އިމާރާތުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން



