އީރާނުގެ ސަރަހައްދުގައި އެއްވެސް ހުއްދައެއް ނެތި ސްޓާލިންކް ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅިގެން، ނޯވޭ ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމަށް ބުނެ އިހުތިޖާޖު ކުރުމުގެ ގޮތުން ނޯވޭގެ ސަފީރު އީރާނުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޙަސަންނެޖާދު ޕީރުކޫހީ، ނޯވޭގެ ސަފީރު ޕާލް ބްޔޯނެސްޓާޑް އާދީއްތަ ދުވަހު ހާޒިރުކުރައްވައި ރަސްމީކޮށް އިހުތިޖާޖުގެ ނޯޓު ވަނީ ހަވާލުކުރައްވާފައެވެ.
އީލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުނިން ހިންގާ ސްޓާލިންކް މެދުވެރިކޮށް، އީރާނުގެ ކަންކަމުގެ ތެރެއަށް ވަދެގަތުމަށް އެމެރިކާއާއި އިސްރާއީލުން މަސައްކަތްކުރަމުންދާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޕީރުކޫހީ ތުހުމަތު ކުރެއްވިއެވެ.
އައިޓީޔޫގައި ސްޓާލިންކް ރަޖިސްޓްރީ ކޮށްފައިވާ ގައުމުގެ ހައިސިއްޔަތުން، އީރާނުގެ ސަރަހައްދުގައި ހުއްދަނެތި އެ ޚިދުމަތް ދިނުން ހުއްޓުވުމުގެ ގާނޫނީ ޒިންމާ ނޯވޭއިން އަދާކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އީރާނުގެ ގައުމީ ސަލާމަތާއި އިސްތިގުލާލަށް ބުރޫއަރާ މިފަދަ ހަރަކާތްތައް ހުއްޓުވުމަށް އެދި ތަކުރާރުކޮށް ކުރި މަސައްކަތްތަކަށް ނޯވޭ ސަރުކާރުން އެއްވެސް އިޖާބައެއް ދީފައި ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



