މޫޑީސް އިންވެސްޓާސް ސާވިސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީއޭއޭ 2" އިން "ސީއޭއޭ 1" އަށް މަތިކުރުމަކީ، ސަރުކާރުން ތަންފީޒުކުރަމުންދާ އިޤްތިޞާދީ ސިޔާސަތުތަކުގެ ހަރުދަނާކަން ސާބިތުކޮށްދޭ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އެކަމާ ގުޅިގެން މިނިސްޓަރ ޒަރީރު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކުރިއެރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މާލީ ހަމަޖެހުން ގާއިމުކުރުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުން ހާސިލުކުރެވުނު ކާމިޔާބީއެއް ކަމަށެވެ. އަދި ދުނިޔޭގެ މާލީ ބާޒާރަށް ގޮންޖެހުންތައް ކުރިމަތިވެފައިވީ ނަމަވެސް، އިޤްތިޞާދީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މޫޑީސްއިން ރާއްޖޭގެ ރޭޓިން މަތިކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުވެ، ދަރަނި ނުދެއްކިދާނެކަމަށް ކުރިން އޮތް ނުރައްކާ ކުޑަވުން ހިމެނެއެވެ. މީގެ އިތުރުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ވަނީ ދަށަށް ގޮސްފައެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ 129.2 އިންސައްތައިގައި ހުރި ދަރަނި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ތިރިކުރެވިފައެވެ.
މި ލިޔުން ކިޔާލުމުން



