ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައި 17 ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެށޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ ސަރުކާރުން މިރޭ ބޭއްވި "އަހާ" ފޯރަމްގެ 9 ވަނަ ބައްދަލުވުމުގައި، މި މަޝްރޫޢުގެ މަސައްކަތް މިއަހަރު ފެށޭނެތޯ ޢާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ފާހަގަކުރެއްވީ، މި މަޝްރޫޢު ކުރިން ހަވާލުކުރި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އައު ކޮންޓްރެކްޓަރަކާއެކު މަޝްރޫޢު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.
ވިލިނގިލީގައި އެއާޕޯޓު އަޅަން ދުބާއީގެ ބުރުޖު ޚަލީފާ ބިނާކުރުމުގައި ހަރަކާތްތެރިވި ބެލްޖިއަމްގެ އެން ވީ ބޭސިކްސް އެސްއޭއާ ހަވާލުކޮށް ސޮއިކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް 2024 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
މި މަޝްރޫޢަކީ ސަރުކާރުން ޚަރަދު ނުކޮށް، އެ ކުންފުނިން އިންވެސްޓްކޮށްގެން ހިންގާ މަޝްރޫޢެއް ކަމަށް ސަރުކާރުން އޭރު ބުނެފައިވެއެވެ. އަދި ގއ. ވިލިނގިއްޔާއި އެއާޕޯޓު އަޅާ ރަށް 17 ކިލޯމީޓަރުގެ ކޯޒްވޭއަކުން ގުޅާލާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 3,400 މީޓަރު ހުންނާނެއެވެ. މި މަޝްރޫޢާއެކު ހެލިޕޯޓަކާއި ޔޮޓް މެރީނާއެއް ވެސް ތަރައްޤީކުރާނެއެވެ.
މި މަޝްރޫޢުގެ ދަށުން ވިލިނގިލީ ފަޅުގައި 17 ރަށް ތަރައްޤީކުރާނެއެވެ. މީގެ ތެރޭގައި އަށް ޕްރައިވެޓް އައިލެންޑާއި ނުވަ ބޮޑު ރިސޯޓު ހިމެނެއެވެ. އަދި މި ސަރަހައްދުގައި 5,000 އެނދު އުފައްދާނެ ކަމަށް ސަރުކާރުން އޭރު ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން



