މާފުށީ ޖަލުގެ އަންހެން ޔުނިޓުގައި ފުރަތަމަ ފަހަރަށް ޖާގަ ތަނަވަސް މެސް ރޫމަކާއި ނަމާދު ގެއެއް ހުޅުވައިފި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.
މި ދެ ތަން ހުޅުވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު ޢަލީ އިޙްސާންއެވެ. މިނިސްޓަރު މި ތަންތަން ހުޅުވައިދެއްވީ، ކަރެކްޝަނަލް ސަރވިސްގެ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ" ޕްރޮގްރާމުގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތަށް ފަހުއެވެ. އެ ރަސްމިއްޔާތު ބޭއްވީ މާފުށީގައެވެ.
ކަރެކްޝަނަލް ސަރވިސްއިން ބުނީ، މި ވަސީލަތްތައް ޤާއިމުކުރުމުގެ ސަބަބުން އަންހެން ޔުނިޓުގައި ބަންދުކޮށްފައިވާ ފަރާތްތަކަށް ކުރިއަށްވުރެ ޖާގަ ތަނަވަސް، ފަސޭހަ ގޮތެއްގައި ކެއިންބުއިމާއި އަޅުކަންކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. މިއީ ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އަސާސީ ޙައްޤުތަކާއި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވެއެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު އިޙްސާންގެ އިތުރުން، ހޯމްލޭންޑް ސެކިއުރިޓީގެ މިނިސްޓަރ އޮފް ސްޓޭޓް އުސްތާޛު އަޙްމަދު ސިއްދީޤާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާޙު ބައިވެރިވެވަޑައިގެންނެވިއެވެ. ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުން ވެސް ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
މިދިޔަ ރަމަޟާން މަހުން ފެށިގެން، ޖަލުތަކުގެ މިސްކިތްތަކުގައި ރަސްމީކޮށް ޖަމާޢަތުގައި ތަރާވީޙް ނަމާދު ކުރުމުގެ އިންތިޒާމު ވެސް ވަނީ ޤާއިމުކޮށްފައެވެ.
ޖަލުގައި ޙުކުމް ތަންފީޒުކުރުމަށްފަހު މުޖުތަމަޢަށް ނިކުންނަ ފަރާތްތައް ދީނީ ގޮތުން ހޭލުންތެރި، މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން



