ޔޫއެފާ ނޭޝަންސް ލީގުގައި އަޔަލެންޑާއި އިސްރާއީލު ބައްދަލުކޮށް 1-1 އިން އެއްވަރުވި މެޗުގެ ހާފް-ޓައިމްގައި، އިސްރާއީލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ އެސިސްޓެންޓް ކޯޗު ޑެމިއަން ޑޮއިލްގެ ގަޔަށް ކުޅުޖެހި ކަމަށް ކުރެވޭ ތުހުމަތު ޑިސިޕްލިނަރީ ކޮމިޓީން ބަލާނެ ކަމަށް ހާމަކޮށްފިއެވެ.
ސާބިއާގައި ސަޕޯޓަރުން ނުވައްދައި ކުޅުނު މި މެޗުގައި ބޮޑެތި ނުތަނަވަސްކަންތައްތަކެއް ފެނިގެންދިޔައިރު، އަޔަލެންޑްގެ ހެޑް ކޯޗު ބުނެފައިވަނީ މިއީ ޑިސިޕްލިނަރީ ކޮމިޓީން ބަލާނެ މައްސަލައެއް ކަމަށެވެ. އަދި އިސްރާއީލުގެ ކޯޗު ބުނީ އެ ވަގުތު އޭނާ ހުރީ ޑްރެސިން ރޫމުގައި ކަމުން އެ މަންޒަރު ނުފެންނަ ކަމަށާއި، ބެލުމަށްފަހު ޖަވާބުދާރީވާނެ ކަމަށެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅަށް އަޔަލެންޑުން ވަރުގަދައަށް އަޑުއުފުލަމުންދާތީ، މި މެޗު ބޮއިކޮޓް ކުރުމަށް އެ ޤައުމުގެ އާންމުންނާއި ސިޔާސީ ފަރާތްތަކުން ގޮވާލާފައިވެއެވެ. މެޗު ފެށުމުގެ ކުރިން ސަލާމްކުރުމާއި ދިދަ ބަދަލުކުރުން ކުރިއަށް ނުގެންދިޔައިރު، ޤައުމީ ސަލާމް ކިޔަމުންދިޔަ ވަގުތު ކުޅުންތެރިން ތިބީ އިސްދަށަށް ޖަހައިގެންނެވެ. އަދި އަޔަލެންޑުން ޣައްޒާގެ ޝަހީދުންގެ ހަނދާނުގައި ކަޅު އަތްދަނޑި އެޅިއިރު، އިސްރާއީލުން އަތްދަނޑި އެޅީ 7 އޮކްޓޫބަރުގައި މަރުވި މީހުންގެ ހަނދާނުގައެވެ.
މެޗަށްފަހު އަޔަލެންޑްގެ ކޯޗު ހަލްގްރިމްސަން ބުނީ ދަތި އުނދަގޫ ދެ ހަފުތާ ނިމުމުން ހިތްހަމަޖެހޭ ކަމަށާއި އެފަދަ ނުތަނަވަސްކަމެއް އެހެން ޓީމަކަށް ކުރިމަތިނުވުމަށް އެދޭ ކަމަށެވެ. ނަމަވެސް އިސްރާއީލުގެ ކޯޗު ވަނީ އޭނާގެ ކުޅުންތެރިން ހަރުކަށިކޮށް ކުޅުނު ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، އެއީ އަޚްލާޤީ މިންގަނޑުތައް ހިފަހައްޓާ ޓީމެއް ކަމަށް ބުނެފައެވެ.
މި މެޗުގައި އަޔަލެންޑަށް ލިބުނު ޕެނަލްޓީއަކުން ޓްރޯއީ ޕެރޮޓް ލަނޑު ޖަހައި ކުރިހޯދައިދީފައި ވަނިކޮށް، ދެވަނަ ހާފުގައި އިސްރާއީލުގެ ޑޯ ޕެރޭޒް ވަނީ ލަނޑެއް ޖަހައި މެޗު 1-1 އިން އެއްވަރުކޮށްފައެވެ. މި ނަތީޖާއާއެކު ނޭޝަންސް ލީގުގެ ގްރޫޕް ބީ3 ގެ އެއްވަނައިގައި އޮސްޓްރިއާ އޮތްއިރު، އަޔަލެންޑް ތިންވަނައިގައި އަދި އިސްރާއީލު އޮތީ ތާވަލުގެ އެންމެ ފުލުގައެވެ.
މި ލިޔުން ކިޔާލުމުން



