މޫޑީސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީއޭއޭ2" އިން "ސީއޭއޭ1" އަށް މަތިކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ ކުރު މުއްދަތުގައި ރާއްޖެ ޑީފޯލްޓްވުމުގެ ހިރާސްތައް ބޮޑުތަނުން ކުޑަވެފައިވާކަމަށް އެ އިދާރާއަށް ޤަބޫލުކުރެވޭތީއެވެ.
މި އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި އަދާކުރުމަށް ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކާއި އާރްބީއައިގެ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އަދާކޮށްފައިވާއިރު، އެސްބީއައިގެ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތަކަށް ވެސް ފައިސާ ދައްކައި ހަލާސްކޮށްފައެވެ. އަދި އޭޕްރީލް މަހު މެޗުއާވާން އޮތް 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑު 2031 ވަނަ އަހަރާ ހަމައަށް ވަނީ ފަސްކޮށްފައެވެ. މީގެ އިތުރުން، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން މާލީ އެހީތެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ވަނީ ދަށްވެފައެވެ.
ނަމަވެސް، މެދު ރާސްތާގައި ދައްކަންހުރި ބޭރު ފައިސާގެ ދަރަނި ބޮޑުވުމާއި ރިޒާވް އިތުރަށް ވަރުގަދަކުރަންޖެހުން ފަދަ ގޮންޖެހުންތައް ހުރިކަން މޫޑީސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ސަރުކާރުން ބުނީ މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ ހިފަހައްޓައި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރުމަކީ މެދު ރާސްތާގެ އެންމެ އިސް އަމާޒު ކަމަށެވެ.
މި ލިޔުން ކިޔާލުމުން



