ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ބިލުގެ ދަށުން، ކުށެއް ސާބިތުނުވި ނަމަވެސް މުދާ ނެގޭނީ ވަކި ހާއްސަ ހާލަތްތަކެއްގައި ހައިކޯޓުގެ އަމުރަކާއެކު ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު ވިދާޅުވެއްޖެއެވެ.
ފަޒާދު މިހެން ވިދާޅުވީ މިއަދު ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. އެއްވެސް ހައްދެއް ނެތި މުދާ ނެގޭނެ ކަމަށް ބައެއް މެންބަރުން ދެއްކެވި ވާހަކަތައް ފަޒާދު ވަނީ ދޮގުކުރައްވާފައެވެ.
ފަޒާދު ވިދާޅުވި ގޮތުގައި، ކުށުގެ ތުހުމަތުވާ މީހާގެ ޝަރީޢަތް ނުނިމެނީސް އޭނާ މަރުވުން ނުވަތަ ޝަރީޢަތަށް ހާޒިރުނުވެ ފިލައިގެން އުޅޭ ހާލަތްތަކުގައި، ޕްރޮސެކިއުޓާ ޖެނެރަލް ހައިކޯޓަށް ހުށަހަޅައިގެން އެ ކޯޓުގެ އަމުރެއް ލިބިގެން މުދާ ނެގޭނެއެވެ.
ބިލުގެ 74 ވަނަ މާއްދާގައި މިފަދަ ތިން ހާލަތެއް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، އެފަދަ ހާލަތްތަކުގައި ޕްރޮސެކިއުޓާ ޖެނެރަލް މަދަނީ މިންގަނޑުން ސާބިތުވާވަރަށް ހެކި ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ފަޒާދު ވިދާޅުވިއެވެ.
ބިލުގެ ދަށުން މުދާ ނެގޭނެ 15 ބޮޑެތި ކުށެއް ހިމަނާފައިވެއެވެ. މީގެ ތެރޭގައި ޓެރަރިޒަމްގެ ކުށް، މީހަކު މެރުމުގެ ކުށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް، މީހުން ޓްރެފިކް ކުރުމުގެ ކުށް އަދި ކޮރަޕްޝަންގެ ކުށް ހިމެނެއެވެ.
ބިލުގައިވާ ގޮތުން، މި ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ކުށްކޮށްގެން ހޯދާފައިވާ މުދަލާމެދު ވެސް މި އުސޫލުތަކުން އަމަލުކުރެވޭނެއެވެ.
މި ލިޔުން ކިޔާލުމުން



