ޙައްޖަށް ދިއުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ ފުރުޞަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މި އުޞޫލުގެ ދަށުން 70 އަހަރުން މަތީގެ 324 މީހުންނަށް 1448 ވަނަ އަހަރުގެ ޙައްޖުގެ ފުރުޞަތު ލިބިދެވޭނެއެވެ. އޭގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުން ހިމެނެއެވެ.
ސަރުކާރުން މި ނިންމުން ނިންމާފައިވަނީ ވީހާވެސް ގިނަ ދޮށީ ޢުމުރުގެ ބޭފުޅުންނަށް ފަރުޟު ޙައްޖު އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ. ރާއްޖެއަށް ލިބޭ ޙައްޖުގެ ކޯޓާގެ ޢަދަދަށް ބަލާއިރު، ޙައްޖު ކިއުގައި ދޮށީ ޢުމުރުގެ ގިނަ ބޭފުޅުން ތިބެއެވެ. އަދި ފައިސާ ދައްކައި ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހި، ޙައްޖުވުމުގެ ފުރުޞަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން ވެސް އިންތިހާއަށް އޮތެވެ.
މިކަމުގެ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މި އުޞޫލު ތަންފީޒުކުރާނީ މައުޟޫޢީ ގޮތެއްގައި ޢުމުރާއި ކިއުއިން ޖާގަ ލިބުނު ތާރީޚަށް ބަލައިގެން ކަމަށެވެ. މިއީ ތަފާތުކުރުމެއް ނެތި، އެންމެންނަށް ހަމަހަމަ އުޞޫލަކުން ތަންފީޒުކުރާނެ އުޞޫލެއް ކަމަށް ވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މި އުޞޫލުގެ ދަށުން ޙައްޖު ކިއުގައި 3 އަހަރުވެފައިވާ ފަރާތްތަކުގެ ގޮތުގައި ބަލާނީ، 31 ޑިސެންބަރު 2023 ގެ ނިޔަލަށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކެވެ. 70 އަހަރުން މަތީގެ ޢުމުރުފުރާގެ ގޮތުގައި ބަލާނީ، 31 ޑިސެންބަރު 2026 ގެ ނިޔަލަށް ޢުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތަކެވެ. މި ފުރުޞަތު ދެވޭނީ މީގެ ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، ހަމައެކަނި ފަރުޟު ޙައްޖު އަދާކުރުމަށް ދާ މީހުންނަށެވެ.
މި އުޞޫލު ތަންފީޒުކުރި ނަމަވެސް، 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ ޢުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް ލަސްވުމެއް ކުރިމައްޗެއް ނުވާނެއެވެ. އެގޮތުން 65 އަހަރުން މަތީގެ ފަރާތްތަކަށް ވެސް މި އަހަރުގެ ކިއުގައި އިސްކަންދޭނެއެވެ. އަދި އެފަދަ ފަރާތްތަކާއެކު ދިއުމަށް ފައިސާ ދައްކާފައިވާ، ކިއުގައި ތިބި ޢާއިލާގެ އެއް މެންބަރަކަށް އެކުގައި ދިއުމުގެ ފުރުޞަތު ނުގެއްލޭނެ ގޮތަށް އިސްކަންދޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.
ކިއުގައި ތިބި 65 އަހަރުން ދަށުގެ ބައެއް ބޭފުޅުންނަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް މެދުވެރިވި ނަމަވެސް، އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީ ޢުމުރުގެ އެތައް ރައްޔިތުންނަކަށް މިއީ ވަރަށް ބޮޑު އުންމީދެއް ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.
މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފިގެންދާނެ ކަމަށާއި، ކިއުގައި ތިބި ދުވަސްވީ މީހުންގެ ޢަދަދު މަދުވެގެންދާނެ ކަމަށް ވެސް ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ. ކުރިއަށް އޮތް ތަނުގައި ޙައްޖު ކިއުގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން ޢުމުރުފުރާތަކަށް ބަދަލުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



