ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ހޯދަޑު، ޒަމްހަރީރުގެ، އިބްރާހީމް މަޢުޛޫ (36) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
އޭނާ ދިރިއުޅޭ ގޭގައި މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަމުން ދިޔައެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ވަގުތީ ބަރުދަނުން 7 ގުރާމުގެ ތަކެތި ފެނިފައިވެއެވެ. އަދި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤުކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން



