ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާއާ އެއްވަރުގެ ބޭރު ފައިސާ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިރޭ ބުނީ، މި ފައިސާ އަތުލައިގެންފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ އިންޑިއާގެ ފަސިންޖަރެއްގެ އަތުން ކަމަށެވެ.
އެމީހާގެ އަތުން ފެނިފައިވަނީ 905,669.80 ރުފިޔާއަށް ވާ ބޭރު ފައިސާއެވެ. ކަސްޓަމްސްއަށް ޑިކްލެއާނުކޮށް ބޭރުކުރަން އުޅުނު މި ފައިސާގެ ތެރޭގައި އެކި ޤައުމުތަކުގެ ފައިސާ ހިމެނޭ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
10,000 ޑޮލަރަށްވުރެ ގިނަ ފައިސާ ރާއްޖެއިން ބޭރަށް ގެންދާނަމަ ކަސްޓަމްސްއަށް އެކަން ޑިކްލެއާކުރަން ޖެހެއެވެ. އަދި ގަވާއިދުގައި ވަނީ އެ ފައިސާ ހޯދި ގޮތުގެ ލިޔުން ވެސް ހުށަހަޅަން ޖެހޭ ކަމަށެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ސީރިއަލް ޕެކެޓުތަކުގެ ތެރޭގައި ފޮރުވައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ އަތުލައިގެންފައެވެ. އެ ފައިސާ އަތުލައިގަތީ ބަންގްލަދޭޝަށް ފުރަން ދިޔަ ހަ ބަންގްލަދޭޝް ރައްޔިތުންގެ އަތުންނެވެ.
ފުލުހުން މީގެ ކުރިން ބުނި ގޮތުގައި، އެ ފައިސާގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި 56,760 ޔޫރޯ އާއި 1,815 ސްޓާލިން ޕައުންޑް ހިމެނެއެވެ. ޖުމްލަ 18 ޤައުމެއްގެ ފައިސާ ހިމެނޭ އެ ފައިސާގެ އަގު ގާތްގަނޑަކަށް 3,861,415.29 ރުފިޔާއަށް އަރައެވެ.
މި ލިޔުން ކިޔާލުމުން



