ފޯބްސްއާއި މާކެޓް ރިސާޗް ކުންފުނި ސްޓެޓިސްޓާ ގުޅިގެން އެކުލަވާލި 2026 ވަނަ އަހަރުގެ "ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް" ލިސްޓުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ.
މިއީ މި ރޭންކިންގެ ފުރަތަމަ އެޑިޝަނެވެ. މި ލިސްޓުގައި ހިމެނެނީ ދުނިޔޭގެ 89 ޤައުމަކުން ހޮވުނު 500 ބޭންކެވެ.
ރޭންކިންގައި ބޭންކުތައް ވަޒަންކޮށްފައިވަނީ މާލީ އަދި ހިންގުމުގެ މުހިންމު ހަތަރު މިންގަނޑަކަށް ބަލައިގެންނެވެ. އެއީ ފައިދާ ލިބޭ މިންވަރު، ކުރިއެރުމާއި އާމްދަނީގެ ފެންވަރު، ރައުސްމާލާއި ފަންޑިންގެ ވަރުގަދަކަން، އަދި އެސެޓްގެ ފެންވަރާއި ހިންގުންތެރިކަމެވެ.
މި ދިރާސާގައި އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ ފަރާތްތަކުން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި، ބޭންކުތަކުން އާންމުކޮށްފައިވާ ރިޕޯޓުތަކާއި، މިނިވަން ދިރާސާތަކަށް ބަލާފައިވެއެވެ.
ލިސްޓު ބަހާލެވިފައިވާ ހަ ގިންތީގެ ތެރެއިން ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް ތިން ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ ބޭންކުތައް ހިމެނޭ ހަވަނަ ޓިއަރގައެވެ.
ބީއެމްއެލްއިން ބުނީ، މިއީ ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު ބޮޑު ފަޚުރެއްގެ އިތުރުން، ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކާ އެއް ފެންވަރެއްގައި ބީއެމްއެލް މަސައްކަތްކުރާކަން ދައްކުވައިދޭ ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ބީއެމްއެލްގެ ސައިޒުގެ ބޭންކުތަކާ އަޅާކިޔައި، މާލީ ތަފާސްހިސާބުތަކަށް ބަލައިގެން ދީފައިވާ ރޭންކެއް ކަމަށެވެ.
ބީއެމްއެލްއަކީ ވަރުގަދަ، ފުދުންތެރި ރައުސްމާލެއް ހުރި އަދި ހަރުދަނާ ހިންގުމެއްގެ މައްޗަށް ބިނާވެފައިވާ މުއައްސަސާއެއްކަން މި ލިސްޓިންގުން ހާމަކޮށްދޭ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން



