އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ޤައުމުތަކުގެ މެދުގައި ކޮރަޕްޝަނާ ދެކޮޅަށް ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަޤުވާމީ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މި ރުހުން ދީފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން ވޯޓުދެއްވި 58 މެންބަރުންގެ އިއްތިފާޤުންނެވެ.
މި މުއާހަދާއަކީ "މައްކަތުލް މުކައްރަމާ ކޮންވެންޝަން އޮފް ދަ މެމްބާ ސްޓޭޓްސް އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޮން އެންޓި ކޮރަޕްޝަން ލޯ އެންފޯސްމަންޓް ކޯޕަރޭޝަން" އެވެ.
ރާއްޖެއިން މި މުއާހަދާގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ، މިކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް، މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.
ރައީސްގެ ސިޓީފުޅުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މުއާހަދާގައި ބައިވެރިވުމުގެ ސަބަބުން ދިވެހި ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހެއެވެ. ނަމަވެސް ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤުވާމީ މުއާހަދާތަކުގެ މައްޗަށް ޢަމަލުކުރަން ވާނީ، މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކުރުމަށްފަހު، މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ.
އިސްލާމީ ފާގަތިކަމާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށްޓަކައި އެކުލަވާލާފައިވާ މި މުއާހަދާގެ ސަބަބުން، އޯއައިސީގެ މެންބަރު ޤައުމުތަކާ ގުޅިގެން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖެއަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.
މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުގެ ޚާރިޖީ ކޮމިޓީން ވަނީ މީގެ ކުރިން ރުހުންދީފައެވެ.
މި ލިޔުން ކިޔާލުމުން



