ގއ. ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.
މި މަޝްރޫޢު 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ ދަށުން ކޮންކްރީޓާއި ދަގަނޑުގެ މަސައްކަތްތަކާއި، ޓާރފް އެޅުމާއި، ކުޅިވަރު އިކުއިޕްމަންޓް ހަރުކުރުމާއި، ކަރަންޓުގެ މަސައްކަތްތައް ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ގާތްގަނޑަކަށް 1,400 މީހުންގެ އާބާދީއެއް އޮންނަ ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓު ތަރައްޤީކުރުމަކީ އެ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ބޮޑަށް ގުޅިފައިވާ މަޝްރޫޢެކެވެ. މި ކޯޓުގެ މަސައްކަތް ނިމުމާއެކު ރައްޔިތުންނަށް ޞިއްޙީ އަދި އިޖުތިމާޢީ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި ލިޔުން ކިޔާލުމުން



