ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކާއި އަލަށް މަސައްކަތް ފަށާ ފަރާތްތަކުން، އިމާރާތްކުރުމުގައި އަމަލީ މަސައްކަތްކުރާއިރު ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ކަންކަން އިސްލާހުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ސައިޓުތަކުގެ ސަލާމަތީ ކަންކަން ގަވާއިދާ އެއްގޮތަށް އިސްލާހުކުރުމަށް ދީފައިވާ އެންމެ ފަހުގެ ތާރީޚަކީ 10 ނޮވެމްބަރު 2026 އެވެ.
އެޗްޑީސީން މިގޮތަށް އަންގާފައިވަނީ، ދިވެހިރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލާފައިވާ "އިމާރާތްކުރުމުގައި އަމަލީ މަސައްކަތްކުރާއިރު ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު" (ގަވާއިދު ނަންބަރު 2019/R-156) އަށް ޢަމަލުކުރުމުގެ ގޮތުންނެވެ. މި ގަވާއިދަކީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ގަވާއިދެކެވެ.
މި މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށް ގެންދެވޭނީ ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މިފަދަ ކަންކަމުގައި ރައްޔިތުން ދޭ އެއްބާރުލުމަށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



