ތައިލެންޑުގެ ވެރިރަށް ބެންކޮކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ހައްޔަރުކޮށްފިއެވެ. އެޤައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެންކޮކްގެ މެޓްރޮޕޮލިޓަން ޕޮލިސް ޑިވިޝަން 1 އިން ހައްޔަރުކޮށްފައިވަނީ އަލީ ރާޝިދު (46އ) އާއި މުހައްމަދު ވިސާމް (36އ) އެވެ.
މި ދެ މީހުން ހައްޔަރުކުރީ ޕަތޫނާމް ސަރަހައްދުގައި ހުންނަ ކާގޯ ސާވިސްއަކަށް ގެންދިޔަ ޕާރުސަލްތަކަކުން ނުބައި ވަސް ދުވާތީ، އެ ތަކެއްޗާ ހަވާލުނުވެ ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ. އެއަށްފަހު އެ މީހުން ތިބި ސުކުމްވިތު ސަރަހައްދުގެ ކޮޓަރި ބަލައި ފާސްކުރިއިރު، ސްޓެއިންލެސް ސްޓީލް 8 ތައްޓެއްގެ ތެރޭގައި ފޮރުވާފައި ހުރި 2.37 ކިލޯގެ ކްރިސްޓަލް މެތުގެ އިތުރުން، ކުޑަކުދިންގެ ހެދުމާއި ކުޅޭ ކާރުތަކުގެ ތެރޭގައި ފޮރުވާފައި ހުރި 10 ކިލޯގެ ކެނެބިސް ވަނީ ފެނިފައެވެ.
މި މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ކެޓަގަރީ 1 ރޭންކުގެ މަސްތުވާތަކެތި ވިއްކުމުގެ ނިޔަތުގައި ބެހެއްޓިކަމުގެ ތުހުމަތުކޮށްފައިވީ ނަމަވެސް، އެ ދެ މީހުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އެމީހުން ބުނެފައިވަނީ އެއީ ރައްޓެއްސަކު ފޮނުވަން ހަވާލުކުރި ތަކެތި ކަމަށާއި، އޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށެވެ.
ތައިލެންޑު ފުލުހުން އަންނަނީ މިއީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ނެޓްވޯކަކާ ގުޅުންހުރި ކަމެއްތޯ ބަލައި، މިކަމުގައި ބައިވެރިވާ އެހެން ބިދޭސީން ހޯދުމުގެ ތަހުގީގު ކުރިއަށްގެންދަމުންނެވެ.
މި ލިޔުން ކިޔާލުމުން



