އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) މެންބަރު ޤައުމުތަކުގެ މެދުގައި ކޮރަޕްޝަނާ ދެކޮޅަށް ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް އެކުލަވައިލާފައިވާ "މައްކަތުލް މުކައްރަމާ" މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކަންތައްތަކާ ބެހޭ ކޮމިޓީން އިއްތިފާގުން ފާސްކޮށްފިއެވެ.
މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ފެންނަކަމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެން ސިޓީފުޅެއް ފޮނުއްވާފައެވެ. ގާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުން ސީދާ އިލްތިޒާމެއް އުފުލަން ނުޖެހޭ މުއާހަދާތަކުގައިވެސް ދައުލަތުން ބައިވެރިވެވޭނީ މަޖިލީހުން ފާސްކޮށްގެންނެވެ.
ކޮމިޓީގެ މުގައްރިރު، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވި ގޮތުގައި، މި މުއާހަދާގެ ސަބަބުން ނުހައްގުން މުއްސަނދިވެފައިވާ ފަރާތްތަކާއި ދައުލަތުގެ މުދަލަށް ހިޔާނަތްތެރިވެގެން ޤައުމުން ބޭރުގައި އުޅޭ މީހުންގެ އެސެޓްތަކާއި މުދާ އަނބުރާ ރާއްޖެއަށް ގެނައުމުގެ މަގުފަހިވެގެންދާނެއެވެ.
އިސްލާމީ ޤައުމުތަކުގެ މެދުގައި ނަޒާހަތްތެރިކަން އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުން ހަރުދަނާކުރުމަށް އެކުލަވާލާފައިވާ މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމުގެ މައްސަލައިގައި ދެން ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.
މި ލިޔުން ކިޔާލުމުން



