ކ. ކާށިދޫ ޞިއްޙީ މަރުކަޒުން ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ.
އެ ރަށުގައި އަލަށް ތަޢާރަފުކުރި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ހެލްތު މިނިސްޓަރު ޤީލާ ޢަލީ އެވެ. ރަސްމިއްޔާތަށްފަހު މިނިސްޓަރު ވަނީ ފިޒިއޮތެރަޕީ ދިނުމަށް ޚާއްޞަކޮށްފައިވާ ޔުނިޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ އިންތިޒާމުތައް ބައްލަވާލައްވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ޞިއްޙީ ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މިއީ އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މިއީ ކާށިދޫގެ ރައްޔިތުން ނުހަނު ބޮޑަށް ބޭނުންވެފައިވާ އަސާސީ ޚިދުމަތެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކާށިދޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން މި ޚިދުމަތް ތަޢާރަފުކުރުމަށް ނިންމެވި ރަށެކެވެ.
މި ޚިދުމަތް ރަށުން ލިބެން ނެތުމުގެ ސަބަބުން މީގެ ކުރިން ކާށިދޫގެ ރައްޔިތުން މާލެއަށް ދަތުރުކޮށް، ބޮޑެތި ޚަރަދުތަކާއި ތަކުލީފުތައް އުފުލަންޖެހުނު ނަމަވެސް، މި ޚިދުމަތާއެކު އެކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޚާއްޞަކޮށް، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާއިލާގެ ގާތުގައި ތިބެގެން މި ފަރުވާ ހޯދުމުގެ ފުރުޞަތު ފަހިވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން ބުނީ، ވިއްސާރަ އަދި ކަނޑުގަދަ ދުވަސްވަރު މާލެއަށް ދަތުރުކުރުމުގައި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ވަނީ ކާށިދޫ ޞިއްޙީ މަރުކަޒުގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި، ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް އޮޅުންފިލުއްވާފައެވެ.
ކާށިދޫ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ މަރުކަޒެކެވެ. އެތަނުން ދުވާލަކު އެވަރެޖުކޮށް 25 އާއި 30 އާ ދެމެދުގެ އަދަދަކަށް މީހުން ފަރުވާ ހޯދައެވެ. އެޑްމިޓްކޮށްގެން ފަރުވާދިނުމަށް 8 އެނދުވެސް އެ މަރުކަޒުގައި ޚާއްޞަކުރެވިފައިވެއެވެ.
ޑޮކްޓަރަށް ދެއްކުމާއި، ލެބޯޓަރީ އަދި އީސީޖީގެ ޚިދުމަތް މިހާރުވެސް އެ މަރުކަޒުން ފޯރުކޮށްދެއެވެ. އެކްސްރޭ އަދި އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވެސް މިހާރު ދަނީ ކުރެވެމުންނެވެ.
ރަސްމިއްޔާތުގައި ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި ކާށިދޫ ކައުންސިލްގެ މެންބަރުންގެ އިތުރުން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
މި ލިޔުން ކިޔާލުމުން



