ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި، ޔާމީންގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިތަކާއި، ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
މި ދައުވާއަކީ އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރާ ދައުވާއެކެވެ. މި މައްސަލައިގައި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމްގެ މައްޗަށް ވެސް ދައުވާކުރެއެވެ.
ޔާމީންގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިތައް ބަލައިނުގަތުމަށް ދައުލަތުން އެދުނީ، ތަޙުޤީޤު މަރުޙަލާގައި އެ ހެކިތައް ހާމަނުކޮށް ޔާމީން ހަނު ހުންނެވި ކަމަށް ބުނެއެވެ. ނަމަވެސް މައްސަލަ ބައްލަވާ ޤާޒީ ޢަލީ ނަދީމް ވިދާޅުވީ، ދައުލަތުން ފާހަގަކުރި ނުކުތާއަކީ ހެކިންގެ ބަހަށް ބުރަދަން ދިނުމާ ގުޅޭ ކަމެއް ކަމަށާއި، އެއީ ހެކިބަސް ނެގުމަށް ފަހު ޝަރީޢަތުން ކަނޑައަޅަންޖެހޭ ކަމެއް ކަމަށެވެ.
ހަމައެފަދައިން ހެއްކާ ބެހޭ ޤާނޫނުގެ ދަށުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ޔާމީންގެ ފަރާތުން ވެސް ވަނީ އެދިފައެވެ. ޤާޒީ ވިދާޅުވީ، މައްސަލައިގެ ވާޤިޢާތަކާ ގުޅޭ ގޮތުން ހެކިބަސް ދެވެން ތިބީ އެ ދެ ބޭފުޅުން ކަމަށެވެ.
ޔާމީން އެދުނު ގޮތަށް ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމްގެ ހެކިބަސް ބަލައިނުގަތުމަށް ޤާޒީ ނިންމެވިއެވެ. ދައުލަތުގެ އެހެން ހުރިހާ ހެކިތަކަށް ފުރުޞަތު ދެއްވިއެވެ.
ޔާމީނާއި ޔޫސުފް ނަޢީމް ދިފާޢެއްގެ ގޮތުގައި ނަގަނީ، ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު މާރުކުރުމުގެ މުޢާމަލާތަކުން ލިބުނު ފައިސާ ކަމަށާއި، އެ ޑޮލަރަށް ވާ ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ޔޫސުފް ނަޢީމާ ހަވާލުކުރި ކަމަށެވެ.
އެކަން ސާބިތުކުރަން ދިފާޢީ ހެކީގެ ގޮތުގައި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް، ޢަބްދުﷲ ރަޝީދު ކިޔާ މީހަކު، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް އަދި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅާފައިވެއެވެ. ޑޮލަރު މާރުކުރި ކަން ދައްކައިދޭ ލިޔުމެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި، 2015 ވަނަ އަހަރުގެ އޮގަސްޓު މަހު އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރި ދުވަސްވަރު ޔޫސުފް ނަޢީމުގެ 99 އިންސައްތަ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް އުފައްދައި، ލީޒް އެކުއިޒިޝަން ކޮސްޓަށާއި ޔޫސުފް ނަޢީމަށް ވަކިން ދެ މިލިއަން ޑޮލަރު ދިން ކަމަށެވެ. ފަހުން ޔޫސުފް ނަޢީމުގެ އެކައުންޓުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެ، 2015 ސެޕްޓެމްބަރުގައި ޓޫޖީގެ 99 އިންސައްތަ ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލާފައިވެއެވެ.
މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީޢަތަކީ، މި މައްސަލައިގައި ކުރިން ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، ހައިކޯޓުން އެ ހުކުމް ބާޠިލްކޮށް އަލުން ބެލުމަށް އެންގެވުމާ ގުޅިގެން ހިންގާ ޝަރީޢަތެކެވެ. މީގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް ވެސް ކްރިމިނަލް ކޯޓުގައި ވަކިން ކުރިއަށް ގެންދެއެވެ.
މި ލިޔުން ކިޔާލުމުން



